އދ. ގައި ރާއްޖެ ތަމްސީލުކުރަން ބޭނުންވާ ފާސް ހޯދަން ނަޝީދު ރަސްމީކޮށް އެދިފައިނުވޭ: މިނިސްޓްރީ
ދަޕްރެސް
23 ސެޕްޓެމްބަރު 2025 | އަންގާރަ | 4:37
އދ. ގެ އާންމު ޖަލްސާގެ ހަވާސާގެ ބައްދަލުވުންތަކެއްގައި ރާއްޖެ ތަމްސީލްވާ ގޮތަށް ބައިވެރިވެވަޑައިގަތުމަށް އެ މަރުކަޒަށް ވެންނެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯދުމަށް އެމަނިކުފާނުގެ އޮފީހުން ފޮރިން މިނސިްޓްރީގައި ރަސްމީކޮށް އެދިވަޑައިގެންފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އދ. ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ނަޝީދު ހުންނެވީ ނިއުޔޯކުގައި ނަމަވެސް އެހެން ހައިސިއްޔަތަކުން އދ. އަށް ވަނުމާއި ޖަލްސާގައި ބައިވެރުމަށް ހުރަހެއް ނެތް ނަމަވެސް ސަރުކާރުން ފާސް ހޯދައިދޭން އިންކާރުކުރި ކަމަށް ބުނެ ނަޝީދުގެ އޮފީހުން އިއްޔެ ވަނީ ބަޔާނެއް ނެރެފައެވެ.
"ދައުލަތާއި ސަރުކާރުގެ ވެރިކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައި ތިއްބާވާ ބޭބޭފުޅުން، އެ ބޭފުޅަކު ނިސްބަތްވެވަޑައިގަންނަވާ ގައުމެއްގެ ފުށުން ހައިސިއްޔަތުން ލިބިވަޑައިގެން، ބައިނަލްއަގުވާމީ ރަސްމީ ޖަލްސާތަކާއި، ހަފްލާތަކުގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަގުވާމީ ދަނޑުގެ އާދަކާދަ،" ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީކަން ކުރައްވަމުންދާ ނަޝީދުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ވެއެވެ.