އާރްއެސްޑަބްލިއު ނިޒާމު ހަރުކުރުމަށް ދޫކުރާ ލޯނުގެ ދެވަނަ ބުރު: މަސްވެރިންގެ ދުވަހުގެ ކުރިން ހުޅުވާލަނީ
ދަޕްރެސް
24 ސެޕްޓެމްބަރު 2025 | ބުދަ | 8:23
އޮޑިދޯނިފަހަރުގައި ރެފްރިޖަރޭޓަޑް ސީ ވޯޓަރ (އާރްއެސްޑަބްލިއު) ނިޒާމު ހަރުކުރުމަށް ދޫކުރާ ލޯނުގެ ދެވަނަ ބުރެއް، މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ކުރިން ހުޅުވަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ހިރިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އާރްއެސްޑަބްލިއު ލޯން ސްކީމުގެ ފުރަތަމަ ބުރުގައި ނިސްބަތުން އެންމެ ގިނަ ލޯނު ލިބިފައި ވަނީ ހިރިލަންދޫ އޮޑިވެރިންނަށް ކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މުޅި ރާއްޖެއަށް ހުޅުވާލާ މި ލޯން ސްކީމްގެ ދެވަނަ ބުރުގައި އިތުރު 200 ފަރާތަކަށް ލޯނު ދޫކުރަން ނިންމަވާފައިވާ ކަމަށެވެ. މީގެ އިތުރުން، ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމުގެ މަސައްކަތް، އަން އަހަރު ޖެނުއަރީ މަހު ފަށާ ގޮތަށް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.