ތ. އަތޮޅުގައި އާރްޓީއެލް ފެރީ ހިދުމަތް ރަސްމީކޮށް ފަށައިފި
ދަޕްރެސް
24 ސެޕްޓެމްބަރު 2025 | ބުދަ | 9:55
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ހިދުމަތް ޒޯން 4 ގައި ހިމެނޭ ތ. އަތޮޅުގައި ރަސްމީކޮށް ފައްޓަވައި ދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީގެ އިތުރުން ތ އަތޮޅު އަދި ރަށު ކައުންސިލްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ތ. އަތޮޅުގައި މި ހިދުމަތް ދޭނީ ހަފުތާއަކު 6 ދުވަހު، 2 ސްޕީޑް ފެރީ މެދުވެރިކޮށް، 5 ރޫޓަކުންނެވެ. ފެރީ ހިދުމަތުގެ ޝެޑިއުލް އާރްޓީއެލްގެ ވެބްސައިޓާއި ޓްރެވަލް އެޕް މެދުވެރިކޮށް ބެލޭނެއެވެ. އާރްޓީއެލްގެ ފެރީތަކަކީ 50 ފަސިންޖަރުންނަށް އަރާމުކޮށް ދަތުރުކުރެވޭ އެއާކޮންޑިޝަން އުޅަނދުތަކެކެވެ. މި އުޅަނދުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވީލްޗެއާ އަދި ސްޓްރެޗާގެ ޖާގަ ހާއްސަކޮށްފައި ވެއެވެ.