ތިން މަސް ދުވަހުގެ ސަސްޕެންޝަނަށް ފަހު ސައުދު މަސައްކަތަށް، ކައުންސިލުން ރަތް ދޫލައިގެ މަރުހަބާއެއް!
ދަޕްރެސް
25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 4:17
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ތިން މަސް ދުވަހަށް ކުރި ސަސްޕެންޝަން އުވި، މިއަދު މަސައްކަތަށް ނުކުމެވަޑައިގެންފިއެވެ.
މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ސައުދު ސަސްޕެންޑުކުރީ މިދިޔަ ޖޫން 25 ގައެވެ. މަރުކަޒީ ގާނޫނުގެ ދަށުން، ކައުންސިލަރުން ސަސްޕެންޑު ކުރެވޭ އެންމެ ދިގު މުއްދަތަކީ ތިން މަސް ދުވަސް ކަމަށް ވާތީ އެ ސަސްޕެންޝަން މިހާރު އުވިފައިވާއިރު ތިނަދޫ ސިޓީ ކައުންސިލުން ވަނީ މިއަދު ސައުދުއަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައެވެ.
މޭޔަރު ސައުދު އަލީގެ އިތުރުން އެ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ވެސް ވަނީ ސަސްޕެންޑް ކޮށްފައެެވެ. ތިނަދޫ މޭޔަރު އަދި ޑެޕިއުޓީ މޭޔަރު ސަސަޕެންޓް ކޮށްފައި ވަނީ ދައުލަތުގެ އިދާރާތަކުންނާ، އާންމުންގެ ފަރާތުން ލިބިފައިވާ 19 މައްސަލައެއް ބެލުމަށް އެލްޖީއޭ އިން ކުރިއަށް ގެންދިޔަ އިންކުއަރީއަކަށްފަހު ކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ.