ގުރައިދޫ އެއާޕޯޓު ތަރައްގީކުރަން ފިނޭންސް މިނިސްޓްރީއާއި އެމްއޭސީއެލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
ދަޕްރެސް
27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 9:22
ތ. ގުރައިދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްވަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސް މުއިއްޒު ގުރައިދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ގުރައިދޫގައި އަޅާ އެއާޕޯޓަކީ ގުރައިދޫއަށާއި އެ ސަރަހައްދަށް ކުރިއެރުން ހޯދުމުގެ ވަރަށް މުހިންމު ދޮރާއްޓެއް ކަމަށެވެ. އަދި ގުރައިދޫގެ އެއާޕޯޓުގެ މަސައްކަތަށް ބޭނުންވާ ބިން ހިއްކައި މިހާރު ނިމިފައިވާކަމަށާއި، އެހެންކަމުން 22 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިމިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.