ފެނަކަ ވައްކަން އެމްޑީ ސައީދު އެކަންޏަކަށް ނުކުރެވޭނެ، ގިނަ ބަޔަކަށް ބައި އެޅިކަން ދަނީ ފަޅާއަރަމުން: އާދަމް ޝަރީފް
ދަޕްރެސް
27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 4:18
ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ބޮޑު ވައްކަމަކީ ހަމައެކަނި އޭރު އެ ކުންފުނީގެ އެމްޑީ އަހުމަދު ސައީދު އެކަނި ކުރި ކަމެއް ނޫން ކަމަށާއި ދައުލަތް ލޫޓުވާލުވުގައި އެތައް ބަޔަކަށް ބައި އަޅާފައިވާ ކަން ދަނީ ފަޅާ އަރަމުން ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ފެނަކައިގެ 2021-2023 ހާއްސަ އޮޑިޓު އާންމުކޮށްފައިވާ އިރު އޭގައި ކޮރަޕްޝަނުގެ ގިނަ އަދި ބޮޑެތި މައްސަލަތަކެއް ވަނީ ފާހަގަކޮށްފައެވެ. ފެނަކަ ވައްކަމާ ގުޅިގެން އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީ ސަރުކާރުން މުޅި ދައުލަތް ލޫޓުވަމުންދާ މައްސަލަ އާއި ފެނަކައިގެ ކޮރަޕްޝަނާއި ވެންޓިލޭޓަރުގެ ކޮރަޕްޝަނުގެ މައްސަލަ" ވެސް ސަރުކާރުގެ ސަމާލުކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު ގެންނެވި ކަމަށެވެ. ނަމަވެސް އެ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހާއި މިނިވަން މުއައްސަސާތަކުން އެކަމަށް އަޅާ ނުލާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެނަކައިން އެހާ ބޮޑެތި ވައްކަންތައް ކޮށްފައިވާ އިރު އެއީ ސައީދަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެކަމުގައި ހިމެނޭ އެންމެނަށް ފިޔަވަޅު އަޅައި ގެއްލުނު ފައިސާ ހޯދަންޖެހޭ ކަމަށާއި އެ ވައްކަމުން ބައި އެޅި އެތައްބައެއް މިހާރު ދަނީ ފަޅާއަރަމުން ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.