އެމްޑީޕީން ބާއްވާ މުޒާހަރާއަކީ ކޮރަޕްޝަނާ ދެކޮޅު އެންމެން ބައިވެރިވާން ރަނގަޅު މުޒާހަރާއެއް: ރައީސް ނަޝީދު
ދަޕްރެސް
30 ސެޕްޓެމްބަރު 2025 | އަންގާރަ | 3:16
އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބާއްވާ މުޒާހަރާއަކީ ކޮރަޕްޝަނާ ދެކޮޅު އެންމެން ބައިވެރިވާން ރަނގަޅު މުޒާހަރާއެއް ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މި ފެށޭ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު އެމްޑީޕީން، "ލޫޓުވައިފި"ގެ ނަމުގައި ބޮޑު މުޒާހަރާއަށް ބާއްވަން ތައްޔާރުވަމުން އަންނައިރު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި މުޒާހަރާއަށް ތާއިދުކުރައްވާކަން ހާމަކޮށްފައެވެ. އެ ގޮތުން ނަޝީދު ވިދާޅުވީ މި މުޒާހަރާގައި ބައިވެރިވުން މުހިންމުކަމަށާއި، މި މުޒާހަރާއަކީ ވަކި ޕާޓީއެއްގެ ކަމެއްގެ ގޮތުގައި ދެކޭކަށް ނުޖެހޭ ކަމަށެވެ.
މިއަދު ނަޝީދު މިހެން ވިދާޅުވެފައިވާއިރު ދައުލަތުގެ ހަޒާނާއިން ވައްކަން ކުރުމާއި މަގާމުގެ ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލައާ މެދު މަޝްވަރާކޮށް، ފިޔަވަޅު އަޅަން މަތީ ފެންވަރުގެ ކޮންފަރެންސެއް ބާއްވަނެކަން ނަޝީދު ވަނީ ރޭ އިއުލާންކުރައްވާފައެވެ.