ފުއްގިރި މައްސަލައިގައި ސަންގެ ދެ ކުންފުންޏަށް ކުރި މަނީ ލޯންޑަރިންގެ ތުހުމަތު ސާބިތެއް ނުވި!
ދަޕްރެސް
1 އޮކްޓޯބަރު 2025 | ބުދަ | 4:14
ރ. ފުއްގިރި މައްސަލާގައި ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ސަންގެ ދެ ކުންފުންޏަށް މި ދައުވާ ކުރަނީ، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން، މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުންޏެއް މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައެވެ. މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ ވަނީ ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮންނަ ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެއެވެ.