މިއަދު ބާއްވަން އެއުޅެނީ ފަނާކުރަނިވި މުޒާހަރާއެއް، ޖޭޕީގެ އެއްވެސް މީހަކު ބައިވެރިނުވުން އެދެން: ގާސިމް
ދަޕްރެސް
3 އޮކްޓޯބަރު 2025 | ހުކުރު | 3:45
މިރޭ ބޭއްވުމަށް ރާވާފައިވާ "ލޫޓުވައިފި" މުޒާހަރާގައި ޖުމްހޫރީ ޕާޓީގެ އެއްވެސް މެމްބަރަކު ބައިވެރިނުވުމަށް އެ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.
މިކަމަށް އިޝާރަތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ މިރޭ ބާއްވާ މުޒާހަރާއަކީ ބިނާ ކުރަނިވި މުޒާހަރާއެއް ނޫންކަމަށާއި އެއީ ފަނާކުރަނިވި މުޒާހަރާއެއް ކަމަށެވެ. އަދި މިއީ ވެރިކަން ހޯދުމުގެ މަގުސަދުގައި ރާވައިގެން ކުރާ ބޮޑު ނުބައިކަމެއް ކަމަށާއި، ގައުމަށް މި ވެރިކަމުގައި ރަނގަޅު ކަމެއް ކޮށްދިނަ ނުދީ ފިތުނަ އުފައްދަން ކުރާ ކަމެއްގެ ގޮތުގައި ގާސިމް ވަނީ ސިފަކުރައްވާފައެވެ.
ގާސިމް ވިދާޅުވީ މި ސަރުކާރަށް ކުރަން ޖެހިފައި އޮތް ކަމަކީ އިސްވެދިޔަ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދެއްކުން ކަމަށާއި، ސަރުކާރަށް ލިބޭ ފައިސާގެ ބޮޑު އިންސައްތައެއް ހަރަދުވަނީ ދަރަނިތައް ދައްކާ ހަލާސްކުރުމަށް ކަމަށެވެ. މި ދަރަނިތައް ނުދެއްކިއްޖެނަމަ ގައުމު ބެންކްރަޕްޓް ވާނެކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ އިތުރު ޓެކްސް ނަގަން ޖެހެނީވެސް އެހެންވެ ކަމަށެވެ.