އެއްވުން ހުއްޓުވުމުގައި ގާނޫނު ހުއްދަކުރާ ބާރުގެ ބޭނުންކޮށްފައިވާކަމަށް ފުލުހުން ބުނެފި

ދަޕްރެސް

4 އޮކްޓޯބަރު 2025 | ހޮނިހިރު | 8:10

ރޭ އެމްޑީޕީން އިންތިޒާމު ކޮށްގެން މާލޭގައި ބޭއްވި އެއްވުން ކުރިއަށް ގެންދިޔައީ ކުރިން މަޝްވަރާކުރެވި އެއްބަސްވެވިފައިވާ ގޮތާ ހިލާފަށްކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރޭގެ މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނިކުމެ އެއްވުން ކުރިއަށް ގެންދިއުމަށް، ފުލުހުންނާއި އެކު ކުރިން މަޝްވަރާކުރެވި އެއްބަސްވެވިފައިވާ ގޮތާ ހިލާފަުވެފައިވާ ކަމަށެވެ. އެގޮތުން އެއްވުމުގެ ބައިވެރިން މަޖީދީމަގުން ދިއުމަށް މަސައްކަތްކުރުމުން އެ މަގުން އެއްވުން ކުރިއަށް ނުގެންދެވޭނެކަމަށާއި، ކުރިން އެއްބަސްވެވިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް އެއްވުމުގެ ބައިވެރިންނަށް ނަސޭހަތްތެރިވެ އިލްތިމާސް ކޮށްފައިވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެއްވުމުގެ ބައިވެރިން އެގޮތަށް އަމަލުނުކޮށް ފުލުހުންނާ ކުރިމަތިލައި، ފުލުހުން މަގު ބަންދުކުރުމަށް ބޭނުންކުރާ ބެރިކޭޑް ނަގައި އެއްލާލާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ފުލުހުން، ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އެއްވުންތައް ހުއްޓުވައި ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ޝީލްޑް އަތުލުމަށް މަސައްކަތްކޮށް، ޝީލްޑެއް ނަގައި އެއްވުމުގެ ބައިވެރިން ގާނޫނާއި ހިލާފު ހަރަކާތްތަކެއް ހިންގާފައިވާކަމަށް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މައުޟޫޢުތަށް