ގައުމީ ޑްރަގް ޕޮލިސީގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާލުމަށް ދަނީ މަސައްކަތް ކުރަމުން: އިހްސާން
ދަޕްރެސް
6 އޮކްޓޯބަރު 2025 | ހޯމަ | 11:54
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ދަށުން އެކުލަވާލާ ގައުމީ ޑްރަގް ޕޮލިސީގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅުންހުރި ގައުމީ ސިޔާސަތު އެކުލަވާލުމަށް އެކުވެރި ދައުލަތް، އދ އާއެކު މަސައްކަތް ކުރެވި އިނީޝިއަލް ޑްރާފްޓެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.
އެ ޑްރާފްޓަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް އެކަނި ބަލައިގެން އެކުލަވާލާފައިވާ ޑްރާފްޓެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރާއި ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކަށް ރިއާޔަތްކޮށް އެ ޑްރާފްޓަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. މިހާރު އެ މަސައްކަތްތައް ކުރިއަށްދާކަން ހާމަކުރައްވަމުން އިހްސާން ވިދާޅުވީ ރަށްރަށުގައި ގާއިމުކޮށްފައިވާ ފުލުހުންގެ ސްޓޭޝަންތަކުން އެކަމަށް ބޭނުންވާ މައުލޫމާތު ހޯދަމުން އަންނަކަމަށެވެ.