ފައިނޭންޝަލް އޮޑިޓެއް ގޯސްވުމުން ދައްކައިދެނީ ގަވަނަންސްގެ މައްސަލަތައް ހުރިކަން: ނިޔާޒީ
ދަޕްރެސް
8 އޮކްޓޯބަރު 2025 | ބުދަ | 2:42
ފައިނޭންޝަލް އޮޑިޓެއްގެ ނަތީޖާ ގޯސްވެއްޖެއްޔާ އޭގެން އެ ދައްކައި ދެނީ އެތެރޭގެ އިންޓާނަލް ކޮންޓްރޯލާއި ގަވަނަންސްގެ ބައިވަރު މައްސަލަތަކެއް ހުރީ ކަމަށް އޮޑިޓާ ޖެނެރަލް ހުސެން ނިޔާޒީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި އޮޑީޓް އޮފީހުން ކުރިއަށް ގެންދާ މަސައްކަތްތަކާ ގުލޭ ގޮތުން ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ނިޔާޒީ ވިދާޅުވީ، އެ އޮފީހުން އެންމެފަހުން އާންމުކުރި ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ތައްޔާރު ކުރުމުގައި ލަސްތަކެއް ދީމާވި ކަމަށެވެ. އެއީ އެ ކުންފުނީގެ އިދާރީ މަސައްކަތްތަކެއް ނުކޮށް ހުރުމުން ދިމާވި ލަސްތަކެއް ކަމަށް ނިޔާޒީ ވިދާޅުވިއެވެ. އެ ގޮތުން 2023 ވަނަ އަހަރު ފެށިއިރު ވެސް ގާތްގަނޑަކަށް 3 ބިލިއަނެއްހާ ރުފިޔާގެ އަގު ހުރި ޕާޗޭސް އޯޑަރު (ޕީއޯ) ސިސްޓަމަށް ނާޅާ ހުރި ކަން ނިޔާޒީ ފާހަގަ ކުރެއްވިއެވެ.
އެ ކުންފުނން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކަށް ރިއާޔަތް ކުރައްވަމުން ނިޔާޒީ ވިދާޅުވީ، ވޭސްޓޭޖާއި ފްރޯޑު ފަދަ ކަންތައް ހަމައެކަނި ހާއްސަ އޮޑިޓަކުން ނުހުއްޓުވޭނެ ކަމަށާއި އެއަށް ވުރެ މާ ބޮޑެތި މައްސަލަަތައް އެބަހުރި ކަމަށެވެ. އެގޮތުން ބޭރުގެ އެހެން ގައުމުތަކުގައި ވެސް މިފަދަ ކަންކަން ރަނގަޅު ކުރަނީ މުޅި ގަވަނަންސް ރަނގަޅުކޮށްގެން ކަމަށް ނިޔާޒީ ވިދާޅުވިއެވެ.