ވެންޓިލޭޓަރު ހިޔާނާތް: ދިވެހި ސަރުކާރަށް 7 ދުވަސް ތެރޭ 37 މިލިއަން ރުފިޔާ ދައްކަން ދުބާއީ ކޯޓުން އަމުރުކޮށްފި
ދަޕްރެސް
8 އޮކްޓޯބަރު 2025 | ބުދަ | 5:04
ކޮވިޑުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން، އެ ވެންޓިލޭޓަރުތައް ފޯރުކޮށްދީފައިނުވާ މައްސަލައާއި ގުޅިގެން ދިވެހި ސަރުކާރަށް 7 ދުވަސް ތެރޭ 37 މިލިއަން ރުފިޔާ ދައްކަން ދުބާއީ ކޯޓުން އަމުރުކޮށްފިއެވެ.
މި ވެންޓިލޭޓަރުތައް ގަތުމަށް އެގްޒެކިއުޓާސް ކުންފުންޏާއި ހަވާލުކުރީ އެޕްރީލް 2020 ވަނަ އަހަރުއެވެ. އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރުން ވަނީ 30 މިލިއަން ރުފިޔާ ދައްކާފައެވެ. ނަމަވެސް އެ ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްދީފައި ނުވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދިވެހި ސަރުކާރުން އާބިޓްރޭޝަނަށް ފުރަތަމަ މައްސަލަ ހުށައެޅީ 2023 ވަނަ އަހަރުގެ ފެބްރުއަރީ 16 ގައެވެ.
މި މައްސަލަ ހުށަހެޅި ދުބާއީގެ ކޯޓުން ވަނީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއި އެ ކުންފުނީގެ ހިއްސާދާރުން، ދިވެހި ސަރުކާރަށް ހަތް ދުވަހުގެ ތެރޭގައި 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ) ދައްކަން އަމުރުކޮށްފައެވެ.