ފާއިތުވި ހަފްތާގައި ސްކޭމް މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ދެ ލައްކައަށްވުރެ ގިނަ ފައިސާ ހޯދާފައިވޭ
ދަޕްރެސް
9 އޮކްޓޯބަރު 2025 | ބުރާސްފަތި | 12:48
ފާއިތުވި ހަފްތާގައި ފުލުހުންނަށް ހުށަހެޅުނު ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ދެ ލައްކައަށްވުރެ ގިނަ ފައިސާ ހޯދައިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 42 މައްސަލައެއް ހުށަހެޅިފައިވެއެވެ. މިމައްސަލަތަކުގައި ޖުމްލަ 318،342.50 ރުފިޔާ ގެއްލިފައިވާއިރު، މިފައިސާގެ ތެރެއިން ޖުމްލަ 221،243.33 ރުފިޔާ އަނބުރާ ހޯދާފަފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެންޓި ސްކޭމް ސެންޓަރުން ބުނީ މި މުއްދަތުގައި ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، ސްކޭމްގެ އެންމެ ގިނައިން ހުށަހެޅިފައިވަނީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތައް ކަމަށެވެ. އެގޮތުން މިފަދަ 19 މައްސަލައެއް ހުށަހެޅިފައިވާއިރު، ދެން އެންމެ ގިނައިން ހިމެނެނީ ކަރަންސީ އެކްސްޗޭންޖުގެ މައްސަލަތަކެވެ. ކަރަންސީ އެކްސްޗޭންޖުގެ 6 މައްސަލައެއް ހުށަހެޅިފައިވާއިރު، މި މުއްދަތުގައި އިމްޕާސޮނޭޝަންގެ 7 މައްސަލަ ހުށަހެޅިފައިވެއެވެ. އަދި ފިޝިން، ވިޝިން އަދި ޖޮބް ސްކޭމްގެ 3 މައްސަލައަކާއި އެހެނިހެން 7 މައްސަލައެއް ހުށަހެޅިފައިވާކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.