ނޮވެމްބަރު 15ގެ ކުރިން ބައޯމެޓްރިކްސް އަދާހަމަ ނުކުރާ ބިދޭސީން ޑީޕޯޓު ކުރަނީ
ދަޕްރެސް
10 އޮކްޓޯބަރު 2025 | ހުކުރު | 11:03
ރާއްޖޭގައި މަސއްކަތްކުރަމުންދާ ބިދޭސީންގެ ތެރެއިން މިހާތަނަށް އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ބައޯޑޭޓާ އަދާހަމަކޮށްފައި ނުވާ ބިދޭސީން އެ މައުލޫމާތު އަދާހަމަކުރުމަށް ހޯމް މިނިސްޓްރީއިން ފަހު ފުރުސަތު ދީފިއެވެ.
ހޯމް މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނީ މިހާތަނަށް 3,942 ވަޒީފާދޭ ފަރާތެއްގެ ބެލުމުގެ ދަށުގައި ތިބި 27,773 ބިދޭސީއެއްގެ ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމްގެ ރިކޯޑްތަކުން ފާހަގަކުރެވޭ ކަމަށެވެ.
އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ވަޒީފާދޭ ފަރާތްތަކުން، އެ ފަރާތްތަކުގެ ނަމުގައި ރާއްޖެގެނެސްފައިވާ އެއްވެސް ބިދޭސީއެއްގެ ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ނަމަ، އަންނަ ނޮވެމްބަރު މަހުފެ 15 ވަނަ ދުވަހުގެ ކުރިން އެފަދަ ބިދޭސީންގެ ބައޯމެޓްރިކްސް އަދާހަމަކުރުމަށް ހޯމް މިނިސްޓްރީއިން ވަނީ އެދިފައެވެ.