ފްލެޓްގެ ތަޅުދަނޑިތައް ހަވާލުކޮށް ނުނިމެނީސް 25000 ރުފިޔާއަށް ކުއްޔަށް ދޭން ޖަހައިފި!
ދަޕްރެސް
11 އޮކްޓޯބަރު 2025 | ހޮނިހިރު | 9:52
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ 4000 ފްލެޓްގެ ހައްގުވެރިންނާއެކު އެއްބަސްވުން ހެދުމަށްފަހު އެތަންތަނުގެ ތަޅުދަނޑި ހަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދާތާ 2 ހަފްތާއެއް ހާ ދުވަސްވެއްޖެއެވެ. މި ވޭތުވެ ދިޔަ ދެ ހަފްތާ ތެރޭގައި ގާތްގަނޑަކަށް 78 ފަރާތަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެެވެ.
މި ވަގުތު ވެސް އެތަން ހުރީ ދިރިއުޅުން ބަދަލުވެވޭ ހާލަތުގައި ކަމަށާއި ފެނާއި ކަރަންޓާއި ބޭނުންވާ ހިދުމަތްތައް އެ ފްލެޓްތަކަށް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ނަމަވެސް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ފެށީތާ ދެ ހަފްތާ ވެގެން އައި އިރު، މިހާރު ސޯޝަލް މީޑިއާއިން އެ ފްލެޓްތައް ކުއްޔަށް ދޫކުރަން ޖަހާފައި ހުރި ޕޯސްޓްތައް އަންނަނީ ފެންނަމުންނެވެ.
އެ ގޮތުން އެ އިމާރާތުގެ ބައެއް ފޮޓޯތައް ވެސް ހިއްސާ ކޮށް ތިން ކޮޓަރީގެ ފްލެޓް މަހަކު 25000 ރުފިޔާގެ ކުލީގައި ދޫކުރާ ކަމަށް ބުނެ ޖަހާފައިވާ ޕޯސްޓަށް ގިން ބައެއްގެ ފާޑު ކިޔުން އަންނަނީ އަމާޒުވަމުންނެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެ ފްލެޓްތައް ދޫކުރުމަށް ފްލެޓް ލިބޭ ފަރާތާއެކު ވެފަިއވާ އެއްބަސްވުމުގައި ބުނާ ގޮތުގައި އެތަންތަން ކުއްޔަށް ދޫކުރުމަކީ މަނާ ކަމެކެވެ. އަދި އެ ތަންތަން ކުއްޔަށް ދޫކުރާ ނަމަ ފްލެޓް އަނބުރާ އަތުލުމުގެ ބާރު އެ ކޯޕަރޭޝަނަަށް ލިބިގެންވާ ކަމަށް ވެސް ވެއެެވެ.