ވީއައިއޭގެ ޓާމިނަލް 1އިން މެލޭޝިއާ އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފި
ދަޕްރެސް
12 އޮކްޓޯބަރު 2025 | އާދިއްތަ | 10:43
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން މެލޭޝިއާ އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން މެލޭޝިއާ އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ.
އެ ރަސްމިއްޔާތުގައި މެލޭޝިއާ އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައިފައިވެއެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި މެލޭޝިއާ އެއާލައިންސްގެ ފުރަތަމަ މަތިންދާބޯޓު، 485 އަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި, އެ ފްލައިޓުން ރާއްޖެ އައި 172 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.