ގާނޫނު ބަދަލުކޮށްގެން ނަމަވެސް ފްލެޓްތައް ކުއްޔަށް ނުދެވޭގޮތް ހަދާނަން: މިނިސްޓަރު
ދަޕްރެސް
12 އޮކްޓޯބަރު 2025 | އާދިއްތަ | 5:02
ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް ދޫކުރާ ފުލެޓުތައް އެހެން ފަރާތްތަކަށް ބޮޑު އަގުގައި ކުއްޔަށް ދިނުން ހުއްޓުވުމަށް ގާނޫނު ބަދަލުކޮށްގެން ވެސް ހައްލެއް ހޯއްދަވާނެ ކަމަށް ހައުސިންގް މިނިސްޓަރު އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ގެދޮރުވެރިޔާ ނުވަތަ ފަހި ފްލެޓްތައް ހަވާލުކުރިތާ ދެ ހަފްތާ ނުވަނީސް ބައެއް ފްލެޓްތައް ފޮޓޯއާ އެކު ކުއްޔަށް ދޭން އިއުލާން ކުރުމާއެކު ގިނަ ބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ފްލެޓްތައް ދޫކޮށްފައި ވަނީ ބޯ ހިޔާވަހިކަމަށް ބޭނުންވެފައި ތިބި މީހުންނަށް ތޯ ސުވާލު އުފައްދަމުންނެވެ.
އެކަމާ ގުޅިގެން ހައުސިންގް މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ސޯޝަލް ހައުސިން ސްކީމުތައް ހިންގާ އެޗްޑީސީ އަދި އެފްޑީސީ އާއި ގުޅިގެން ފުލެޓުތައް ކުއްޔަށް ދޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަން ސަރުކާރުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެކަން ފާހަގަކޮށް މުއްތަލިބް އިތުރަށް ވިދާޅުވީ، ގާނޫނީ ގޮތުން ނަމަވެސް މިކަމަށް ހައްލެއް ގެންނާނެ ކަމަށެވެ.