އިންޑިއާގައި އުފައްދާ ވިހަ އެކުލެވޭ ކަފް ސިރަޕް ރާއްޖޭ އެތެރެކޮށްފައި ނުވާކަމުގެ ޔަގީންކަން އެމްއެފްޑީއޭއިން ދީފި
ދަޕްރެސް
12 އޮކްޓޯބަރު 2025 | އާދިއްތަ | 6:34
އިންޑިއާގެ ތިން ކުންފުންޏަކުން އުފެއްދި ވިހަ މާއްދާ ހުރި ކެއްސުމަށް ބޭނުންކުރާ ތިން ބޭސް ރާއްޖެ އެތެރެކޮށްފައިނުވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފިއެވެ.
ނުރައްކާތެރި މިންވަރަކަށް ކެމިކަލް އެކުލެވިގެންވާ ގޮތަކަށް އުފައްދަމުން އައި ކެއްސުމަށް ހާއްސަކޮށް ދޭ ބޭހެއް ބޮއެގެން އިންޑިއާގެ މަދުޔަ ޕްރަދޭޝްގެ އުމުރުން ފަސް އަހަރުން ދަށުގެ 17 ކުއްޖަކު ވަނީ މަރުވެފައެވެ. މިދިޔަ ހަފްތާގައި ހިނގާދިޔަ މި ހާދިސާގައި އެ ކުދިން ބުއި ބޭސް ތަހުލީލު ކުރިއިރު އެ ބޭހުގައި، ކެމިކަލެއް ހުންނަން ޖެހޭ ވަރަށްވުރެ 500 ގުނަ އިތުރަށް ހުރި ކަމަށް ދައްކައެވެ.
އެ ބޭހާ ގުޅިގެން މިއަދު އެ އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އިންޑިއާގެ ތިން ކުންފުނިން އުފައްދާފައިވާ ކެއްސުމަށް ބޭނުން ކުރާ ތިން ބޭހެއްގައި ވިހަ މާއްދާއެއް ކަމަށްވާ ޑައިތީލް ގްލައިކޯލް (ޑީއީޖީ) ހުރެގެން އެބޭސްތައް ބޭނުން ކުރުމާއި، ވިއްކުން މަނާކޮށްފައިވާ ކަމަށް ސައުތް އީސްޓް އޭޝިޔާ ރީޖަން ނެޓްވޯކް (އެސްއީއޭއާރްއެން) އިން އެއޮތޯރިޓީއަށް އެލާޓްކޮށްފައިވާ ކަމަށެވެ.