ބިންހިއްކުމާއި ބަނދަރުގެ މަސައްކަތް ހިމެނޭހެން 30 މަސް ދުވަހުން މިލަންދޫ އެއާޕޯޓުގެ މަސައްކަތް ނިންމަނީ
ދަޕްރެސް
15 އޮކްޓޯބަރު 2025 | ބުދަ | 6:18
ބިންހިއްކުމާއި ބަނދަރުގެ މަސައްކަތްތައް ހިމެނޭހެން، ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި މިލަންދޫ އެއާޕޯޓުގެ މަސައްކަތް ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު މިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމުގައިވާ މިލަންދޫ އެއާޕޯޓުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
އެގޮތުން، މިލަންދޫގެ ބިންހިއްކުމާއި އެއަރޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައި، މިއަދު ފެށި 40 ހެކްޓަރުގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް، 8 މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.