ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މުއާޒާއި ޒިވާރު، މަގާމުން ސަސްޕެންޑުކޮށްފި
ދަޕްރެސް
15 އޮކްޓޯބަރު 2025 | ބުދަ | 6:04
ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓުގެ މައްސަލައިގައި ހައްޔަރުކުރި މިފްކޯގެ އިންޖިނިއަރިންގް އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ އަލީ އާއި ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއީލް މަގާމުން ސަސްޕެންޑުކޮށްފިއެވެ.
އެ މައްސަލައިގައި މުއާޒްއާއި ޒިވާރުގެ އިތުރުން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އެޕޯލޯގެ ވެރިޔާ ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ. މުއާޒަކީ ސިނގިރޭޓް ބޭރު ކުރަން ރިޝްވަތަށް އެދުމުގެ މައްސަލާގައި މިހާރު ވެސް ޕީޖީ އަށް މައްސަލަ ލާފައިވާ ފަރާތެކެވެ. މި އެންމެން ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ.
އެ މައްސަލައާއި ގުޅިގެން މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މުއާޒުގެ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކުން ބަލަން ފަށައިފައިވާއިރު، އެ ކަންކަން އިދާރީގޮތުން ކުންފުނިން ތަހުގީގުކުރަމުންދާތީ، މިފްކޯގެ މުވައްޒަފުންނާބެހޭ ގަވާއިދުގެ ދަށުން، މުއާޒު 30 ދުވަހަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.