ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު 3 މީހުންގެ ތެރެއިން ދެވަނަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
ދަޕްރެސް
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 4:28
ކޮޅުވެއްޓި ބަންޑުން ޖަހާލައި ގެއްލުނު 3 މީހުންގެ ތެރެއިން ދެވަނަ މީހާ މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
މާލެއިން ފުރައިގެން 7 މީހުންނާއެކު އެރިޔަދޫއަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ ކޮޅުވެއްޓި ބަންޑުން ޖަހާލާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެ ކޮޅުވެއްޓިން ދަތުރުކުރަމުންދިޔަ މީހުންގެ ތެރެއިން 4 މީހަކު ސަލާމަތްކޮށްފައިވާއިރު ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ.
އަދި ބާކީ ތިބި ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދެވަނަ މީހާގެ ވެސް ހަށިގަނޑު ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ދާދި ދެންމެއަކު މައުލޫމާތު ދީފައެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުގެ އަޑިން ކަމަށާއި ތިންވަނަ މީހާވެސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.