ކަނޑުމަތީގެ އިތުރު ހާދިސާއެއް، އަޑިއަށްދިޔަ މުދާ އުފުލާ ބޯޓެއްގައި ތިބި 5 ފަޅުވެރިން ސަލާމަތްކޮށްފި

ދަޕްރެސް

16 އޮކްޓޯބަރު 2025 | ބުރާސްފަތި | 4:55

މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއް ދިޔަވެ، އޭގެން ދަތުރުކުރި ފަސް މީހަކު ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ ‏މާލެއިން ޅ.ނައިފަރަށް ދަތުރުކުރަމުންދިޔަ "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ދިޔަވެގެން އަޑިއަށް ގޮސްފައިވީ ނަމަވެސް އޭގެން ދަތުރުކުރި ފަސް މީހުން ވެސް ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން މިހާރު ނައިފަރަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.

ނައިފަރު ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ހާދިސާ ދިމާވި 5 ފަޅުވެރިންވެސް މިވަގުތު ތިބީ ހޮސްޕިޓަލުގެ އޮބްޒަވޭޝަންގެ ދަށުގައެވެ. އެއީ 2 ދިވެހިންނާއި 3 ބިދޭސީންނެވެ. އަދި އެ ހާދިސާގެ އަސަރު އެކަކަށް ވަރަށް ބޮޑަށް ކުރިމަތިވި ނަމަވެސް ފިޒިކަލް މާބޮޑެތި އަނިޔާތަނެއް ލިބިފައި ނުވާ ކަމަށް އެ ހޮސްޕިޓަލުން މި ނޫހަށް ވަނީ މައުލޫމާތު ދީފައެވެ.

މައުޟޫޢުތަށް