އައްޑޫ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ވޯޓު: 255 މީހަކު ރީ ރަޖިސްޓްރީވުމަށް ހުޅުވާލައިފި

ދަޕްރެސް

19 އޮކްޓޯބަރު 2025 | އާދިއްތަ | 8:39

އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުގެނައުމަށް ނަގާ ވޯޓުގައި، ރީ-ރަޖިސްޓްރީވާން ހުޅުވާލި މުއްދަތުގެ ތެރޭގައި 255 މީހަކު އެކަމަށް އެދި ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

މި މަހުގެ 25 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޒާހިދު ވިދާޅުވީ ރީ-ރަޖިސްޓްރީވާން ހުޅުވާލި މުއްދަތުގެ ތެރޭގައި ޖުމްލަ 255 މީހަކު އެޕްލިކޭޝަން ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 248 މީހެއްގެ ރީ-ރަޖިސްޓްރޭޝަން ޕްރޮސެސް ނިމިފައިވާކަމަށެވެ. މި ވޯޓަށް ރައްޔިތުންގެ ފަރާތުން އެދެވޭ ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށް ޒާހިދު ވިދާޅުވީ ރީ ރަޖިސްޓްރީ ވާން ހުޅުވާލި ފުރުސަތާއެކު އައްޑޫގެ ތިން ރަށުގެ ރައްޔިތުންގެ ޝައުގުވެރިކަން ހުރި މިންވަރު ހާމަވާ ކަމަށެވެ.

މި ވޯޓަށް ތައްޔާރުވުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލު ހާމަކުރައްވަމުން އޭނާ ވިދާޅުވީ މި ވޯޓުގައި ޖުމްލަ 18 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުފޮށިތައް ބެހެއްޓި މިންވަރަށާއި ތަންތަނަށް ބަލައިގެން ކަމަށެވެ. ވޯޓުލުމުގެ އިދާރީ ހުރިހާ ތައްޔާރީތަކެއް ކުރިއަށްއޮތް ދެ ދުވަހެއްގެ ތެރޭގައި އެއްކޮށް ނިމޭނެކަން ހާމަކުރައްވަމުން ޒާހިދު ވިދާޅުވީ ވޯޓު ކަރުދާސްތައް ޗާޕުކުރުމާއި ފޮނުވަންޖެހޭ ވޯޓު ފޮށިތަކާއި އެހެނިހެން ސާމާނުތައް ތައްޔާރުކުރުމުގެ މަސައްކަތްވެސް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

މައުޟޫޢުތަށް