ނަތީޖާއެއް ނުލިބޭނެ ކަމަށް ބަލައި ޕުޓިންއާ ބައްދަލުކުރެއްވުން ޓްރަމްޕް މަޑުޖައްސާލައްވައިފި
ދަޕްރެސް
22 އޮކްޓޯބަރު 2025 | ބުދަ | 12:19
ޔޫކްރައިން ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުރައްވާ އުއްމީދަށް މަޑުޖެހުމެއް އަތުވެއްޖެއެވެ.
ހުސްވި އޮގަސްޓް މަހު އެމެރިކާގެ އަލަސްކާގައި ޓްރަމްޕާއި ރަޝިއާގެ ރައީސް ވްލަޑީމިއާ ޕުޓިން ބޭއްވެވި ބައްދަލުވުމަށް ފަހު، ޔޫކްރައިން ހަނގުރާމަ ނިމުމަކަށް ގެނެވިދާނެ ކަމުގެ އުއްމީދުތަކެއް ޓްރަމްޕް ދެއްވިއެވެ. ކާމިޔާބު މަޝްވަރާތަކެއް ކަމަށާއި ހަނގުރާމަ ހުއްޓާލަން ޕުޓިންވެސް ބޭނުންފުޅުވާކަމަށް ޓްރަމްޕް އޭރު ވިދާޅުވިއެވެ.
އޭގެ ފަހުން ޔޫކްރައިންގެ ރައީސް ވައިޓްހައުސް އަށް ގެންދަވާ އެރޮނގުން މަޝްވަރާތައް ކުރެއްވުމަށް ފަހު ރައީސް ވްލަޑިމިއާ ޒެލެންސްކީވެސް ހުންނެވީ ހަނގުރާމަ ހުއްޓާލައްވަން ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް ހަނގުރާމަ ނުހުއްޓި ކުރިއަށް ދާއިރު، ޓްރަމްޕް ގެންދެވީ، ރަޝިއާ އަށް ދަތިރކުރުމުގެ ފިޔަވަޅުތައް އަޅުއްވައި، ޔޫކްރައިން އަށް އެމެރިކާގެ ވަރުގަދަ ޓޮމޮހޮކް މިސައިލް ދެއްވަން ވިސްނަވާ ކަމަށް ވިދާޅުވެ ރަޝިއާއަށް މެސެޖްތައް ދެއްވަމުންނެވެ. އަދި ޔޫރަޕްގެ އެހީއާއެކު ޔޫކްރައިން އަށް ރަޝިއާގެ މައްޗަށް ކުރި ހޯދާ ހަނގުރާމަ ކާމިޔާބު ކުރެއްވޭނެ ކަމަށް ވެސް ވިދާޅުވަމުން ގެންދެވިއެވެ.