ޖިސްމާނީ ގޮތުން ނުކުޅެދޭ ނަމަ، ބަދަލުގައި އެހެން މީހަކު ހައްޖަށް ފޮނުވޭ ގޮތް ހެދުމަށް މަޝްވަރާކުރަނީ
ދަޕްރެސް
22 އޮކްޓޯބަރު 2025 | ބުދަ | 3:26
މާލީ ތަނަވަސްކަން ހުރި ނަމަވެސް، ދާއިމީ ބައްޔަކަށް ބޭސްފަރުވާކުރަން ޖެހުމުން ޖިސްމާނީ ގޮތުން ނުކުޅެދުންތެރިވާނަމަ، ބަދަލުގައި އެހެން މީހެއް ހައްޖަށް ފޮނުވޭ ގޮތް ހެދުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ބޮޑެތި ދާއިމީ ބަލިތައް ތަހައްމަލުކުރާ މީހުން ހައްޖަށް ނުފޮނުވުމަކީ ސައުދީ އަރަބިއްޔާއިން އަބަދުވެސް ގެންގުޅޭ އުސޫލެއް ކަމަށެވެ. މިދިޔަ ސަރުކާރުން ހައްޖު ކޯޓާއިން ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް 5 އިންސައްތަ ހާއްސަކުރަން ނިންމީ އެ އުސޫލާ ހިލާފަށް ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މާލީ ގާބިލުކަން ހުރެ، ދާއިމީ ބައްޔަކަށް ފަރުވާކުރަން ޖެހުމުން ޖިސްމާނީ ގޮތުން ހައްޖަށްދާން ނުކުޅެދޭ މީހުންގެ ބަދަލުގައި ހައްޖު ކޮށްދިނުމަށް އެހެން މީހަކު ފޮނުވިދާނެކަމަށް އިލްމުވެރިން ބަޔާންކޮށްފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ ފުރުސަތު ފަހިކޮށްދިނުމަށް މަޝްވަރާކުރައްވަމުން ގެންދަވާކަމަށާއި އަދި ބަލިމީހާއަށާއި ނުކުޅެދޭ މީހުންނަށްވެސް ހިދުމަތް ލިބޭނެ ގޮތަކަށް ހަމަހަމަ އުސޫލެއްގެ ތެރެއިން މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.