50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހއ. އިން ފެށިގެން ތ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި
ދަޕްރެސް
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 10:08
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 50 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.
އެ އިދާރާއިން ނެރުނު ޔެލޯ އެލާޓްގައި ބުނެފައި ވަނީ، މިއަދު ހެނދުނު 9:30 އިން މެންދުރު ފަހު 1:30 އާ ދެމެދު ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އެގޮތުން ހުކުރު އަދި ހޮނިހިރު ދުވަހު ވެސް އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް އެ އޮފީހުން ބުނެއެވެ.