ކަންނެލި މަސްވެރިކަން ތަރައްގީ ކުރުމަށް ހުޅުމާލެއިން ކަނޑައަޅާފައިވާ ބިން، ފިޝަރީޒް މިނިސްޓްރީ އާއި ހަވާލުކޮށްފި
ދަޕްރެސް
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 7:20
ކަންނެލި މަސްވެރިކަން ތަރައްގީ ކުރުމަށް ހުޅުމާލެއިން ކަނޑައަޅާފައިވާ ބިން، އެޗްޑީސީ އިން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި ހަވާލުކޮށްފިއެވެ.
ބިން ހަވާލުކުރުމަށް މިއަދު އެޗްޑީސީގައި ބޭއްވުނު ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު އަހުމަދު ޝިޔާމް އެވެ. މި އެއްބަސްވުމުގެ ދަށުން، ހުޅުމާލޭގައި މަސް ބަންދު ކުރާ ފެސިލިޓީ އެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައިއެވެ. މި އެއްބަސްވުމަކީ ދިވެހި މަސްވެރިންނަށް އެކަށޭނަ އަގުތަކެއް ހޯދައިދިނުމާއި، ކަންނެލި މަސްވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފެށިގެންދާނެ މަސައްކަތެކެވެ.
އިސްލާމިކް ޑިވެލޮޕްމަންޓް ބެންކް (އައިއެސްޑީބީ) ފަންޑުގެ ދަށުން ގާއިމުކުރާ މި ފެސިލިޓީގައި، ކަންނެލި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަސް ޕެކޭޖްކުރުމާއި، އެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް ނިންމާފައިވާ އެޗްޑީސީން ވަނީ ބުނެފައެވެ. ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ކުރެވޭ މިފަދަ ކަންކަމުގައި އެޗްޑީސީގެ ފަރާތުން އަބަދުވެސް ސަރުކާރަށް އެއްބާރުލުން ދެމުންގެންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.