ލައްކައެއްހާ ޑޮލަރު ފޭރިގަނެގެން ފިލީ ލޯންޗެއްގައި، ބެލެވޭ ގޮތުގައި މިއީ ދުރާލާ ރާވައިގެން ހިންގި ޖަރީމާއެއް
ދަޕްރެސް
27 އޮކްޓޯބަރު 2025 | ހޯމަ | 12:50
ރޭ ފަތިހު އެއާޕޯޓުން ފޭރިގަތް ބޭންކް އޮފް މޯލްޑިވްސްގެ ސޫޓްކޭހުގައި ލައްކައެއްހާ ޑޮލަރު ހުރި ކަމަށް މައުލޫމާތު އެނގޭ މަސްދަރަކު ހާމަކޮށްފިއެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު، ޓާމިނަލަށް ވަންނަން ދިޔަ އެބޭންކުގެ ދެ މުވައްޒަފެއްގެ އަތުން، ފައިސާ ހުރި ސޫޓް ކޭސްއެެއް ފޭރިގަތް މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 4:45 ހާއިރެވެ.
ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ނުވަތަ ކޮން ބޭންކެއް ކަމެއް ފުލުހުން މިހާތަނަށް ހާމަކޮށްފައި ނުވެއެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެކަމާ ގުޅޭ މައުލޫމާތު އެނގޭ ފަރާތުން ބުނީ، ވަގަށް ނެގި ސޫޓް ކޭހުގައި ލައްކައެއްހާ ޑޮލަރު ހުންނާނެ ކަމަށާއި އެއީ ބީއެމްއެލްއިން މިއަދު ހެނދުނު ފުރާ ދިވެހިންނަށް ދޭން ހަމަޖެހިފައިވާ ޑޮލަރު ކަމަށެވެ. ދިވެހި ފައިސާއިން ބަލާނަމަ އެއީ 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.