މި ސަރުކާރުން ފައިސާ ޗާޕެއް ނުކުރާނެ، އެމްޑީޕީން ވެސް ދެން ފައިސާ ޗާޕް ނުކުރާތި: ސައީދު
ދަޕްރެސް
28 އޮކްޓޯބަރު 2025 | އަންގާރަ | 10:27
މި ސަރުކާރުން ފައިސާއެއް ޗާޕް ނުކުރާނެ ކަމަށާއި ދުވަހެއްގެ ކޮޅުން އިދިކޮޅަށް ވެރިކަން ލިބުނަސް ދެން ފައިސާ ޗާޕް ނުކުރުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
އެމްއެމްއޭ އިން ޕެންޝަން އޮފީހާ ގުޅިގެން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކުމުގެ މުއާމަލާތެއް ހިންގަން މި މަހުގެ މެދުތެރޭގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެއީ މި ސަރުކާރުގައި ފައިސާ ޗާޕް ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ވިދާޅުވުމާ ހިލާފަށް ފައިސާ ޗާޕް ކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.
އެކަމާ ގުޅުވާ މިއަދު މަޖިލީހުގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވަނީ މިނިސްޓަރު ސައީދާ ސުވާލު ކުރައްވާފައެވެ. ޝަމްހީދު ވިދާޅުވީ، އެމްއެމްއޭ އިން ފައިސާ ޗާޕްކޮށް ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުގެ ހަރަދު ހަމަޖައްސަން 2.4 ބިލިއަން ރުފިޔާ ބާޒާރަށް ނެރެން މަސައްކަތް ކުރާކަން އެނގިފައިވާ ކަމަށެވެ. މީގެ ސަބަބުން ޑޮލަރުގެ އަގު މަތިވެގެން ދާނެ ކަމަށާއި ފައިސާ ޗާޕްކުރަން މިހާރު މިނިސްޓަރު އެއްބަސްވެވަޑައިގެންނެވީތޯ ޝަމްހީދު އެއްސެވިއެވެ.