މަގުބޫލް އުޒުރެއް ނެތި ޝަރީއަތަށް ހާޒިރުނުވުމަކީ ގާނޫނީ ފިޔަވަޅު އެޅިދާނެ އަމަލެއް: ކްރިމިނަލް ކޯޓު
ދަޕްރެސް
28 އޮކްޓޯބަރު 2025 | އަންގާރަ | 12:55
މަގުބޫލް އުޒުރެއް ނެތި ޝަރީއަތަށް ހާޒިރުނުވުމަކީ ގާނޫނީ ފިޔަވަޅު އެޅިދާނެ އަމަލެއް ކަމަށް ކްރިމިނަލް ކޯޓުން ހާމަކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނިކޮށް ޝަރީއަތަށް ހާޒިރުވެވަޑައިނުގަނެ ހއ. ދިއްދޫއަށް ފުރާވަޑައިގަތުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ބުނީ އިއްޔެ 14:30 އަށް ޔާމީންގެ މައްޗަށްކުރާ ރިޝްވަތު ގަބޫލުކުރުމާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކުރެވުނު ކަމަށެވެ. އެހެންނަމަވެސް މި އަޑުއެހުމަށް ދައުވާ ލިބޭ ފަރާތުން ހާޒިރުވެފައިނުވާތީ އަޑުއެހުން ކެންސަލް ކުރެވިފައިވާ ކަަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ކޯޓުން ބުނީ ދައުވާ ލިބޭ ފަރާތުން މަގުބޫލެއް ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމަކީ އަދި މައްސަލަ ތާވަލު ކުރެވިފައި ވަނިކޮށް ކޯޓުގެ ހުއްދަނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ، އެ ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅިދާނެ އަމަލުތަކެއް ކަމަށެވެ.