އުރަމަތީގެ ކެންސަރު ދުރާލާ ދެނެގަނެވޭނޭ އިންތިޒާމު ހަމަޖެހިގެން ދިއުން މުހިއްމު: ސާޖިދާ
ދަޕްރެސް
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 2:41
އެއްވެސް އަންހެނަކީ، އުރަމަތީގެ ކެންސަރުގެ ފަރުވާއާ އެކަނިމާއެކަނި ކުރިމަތިލާ މީހަކަށް ވާން ނުޖެހޭ ގޮތަށް، ރާއްޖޭގައި އުރަމަތީގެ ކެންސަރު ދުރާލާ ދެނެގަނެވޭނޭ އިންތިޒާމު ހަމަޖެހި، ރަނގަޅު ފެންވަރުގައި ބައްޔަށް ފަރުވާ ހޯދޭނޭ ފުރުސަތު އެންމެހާ ރައްޔިތުންނަށް ފަހިވެފައި އޮތުން މުހިންމުކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ހަވަނަ، "ބްރެސްޓް ކެންސާ އެވެއާނަސް ސިމްޕޯސިއަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ސާޖިދާ ވިދާޅުވީ ކެންސަރު ބަލި ތަހައްމަލުކުރާ ކޮންމެ މީހަކު ކުރަނީ ތަފާތު ތަޖުރިބާއެއް ކަމަށެެވެ. އެ ބަލީގެ ވޭން ތަހައްމަލުކުރާ މީހުންނާއި އެމީހުންގެ އާއިލާތަކުން ދައްކާ ހިތްވަރާއި ވިލުންތެރިކަމުގެ ނަމޫނާއިން، އެހެންމީހުންނަށް ހިތްވަރުހޯދޭކަން ސާޖިދާ ފާހަކުރެއްވިއެވެ. އަދި އެ ވިލުންތެރިކަމާއި ހިތްވަރަކީ، ކެންސަރު ބައްޔަށް ފަރުވާދިނުމުގެ ދާއިރާ އިތުރަށް ކުރިއަރުވައި، ބަލި އަވަހަށް ދެނެގަތުމުގެ ޕްރޮޓޮކޯލްތައް ހަރުދަނާކޮށް، އެމީހުންނަށް ދޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ބާރުދޭ ހަކަތަ ކަމުގައިވާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ސިއްހީ ނިޒާމަށް އައިސްފައިވާ ބައެއް ބަދަލުތަކުގެ ތެރެއިން، ހާއްސަކޮށް އެކި ބަލިބައްޔަށް ހާއްސަ ޑޮކްޓަރުން އެކުގައި މަސައްކަތްކޮށްގެން ކެންސަރަށް ފަރުވާދިނުމުގެ ތެރެއިން، ކެންސަރު ބަލި ތަހައްމަލުކުރާ މީހުންނަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެކުގައި ލިބޭނޭ މަގުފަހިކުރެވިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިހެން ފަރުވާދިނުމުގައި، ނަފުސާނީ ބަލިބައްޔާ ބެހޭ ފަންނީ މީހުންނާ، ޑައެޓީޝަނުންނާ، ފިޒިއޮތެރަޕިސްޓުންނާ، ޕެލިއެޓިވް ކެއާ ޓީމުތަކުން، ސާޖަނުންނާއި އޮންކޮލޮޖިސްޓުންނާއެކު ދޭ ފަރުވާގެ އެދެވޭ ނަތީޖާއެއްގެ ގޮތުން، ބަލިމީހުން ތަހައްމަލުކުރަން ޖެހޭ ވޭން ކުޑަކޮށްދިނުމުގައި އެހީއަކަށްވާކަމަށް އެކަމަނާ ވިދާޅުވިއެވެ.