ސިނގިރޭޓު ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި އާއްޓޭއާ މުއާޒުވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ދަޕްރެސް
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 6:10
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ގެއްލުނު މައްސަލައިގައި ހައްޔަރުކުރި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގައި ޖުމްލަ 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ވިޔަފާރިވެރިންނާއި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރުން ކަސްޓަމްސް މުވައްޒަފުން ވެސް ހިމެނެއެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އާއްޓޭ 15 ދުވަހަށް ބަންދުކުރި އިރު މުއާޒް ބަންދުކޮށްފައި ވަނީ 5 ދުވަހަށެވެ. އަދި މުއާޒް ބަންދަށް ޖެހި 5 ދުވަސް މި މަހުގެ 20 ވަނަ ދުވަހަށް ހަމަވުމުން ކޯޓަށް ގެންދިއުމުން ވަނީ 10 ދުވަސް އިތުރު ކޮށްދީފައެވެ.