ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރަން "ނެޝަނަލް ޓޯޗް ރަން": މިއަދު ހަވީރު 4 އިން މާދަމާ 4 އަށް
ދަޕްރެސް
31 އޮކްޓޯބަރު 2025 | ހުކުރު | 7:35
ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރުމަށް ހާއްސަކޮށް 24 ގަޑިއިރަށް ކުރިއަށް ގެންދާ "ނެޝަނަލް ޓޯޗް ރަން" ފަށައިފިއެވެ.
މި ހަރަކާތް ފައްޓަވައި ދެއްވީ މިއަދު މާފަންނު އެކުވެނި ޓްރެކްގައި ހަވީރު 4 ޖެހި އިރު ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. މި ދުވުން ކުރިއަށް ގެންދާނީ މާދަމާ ހަވީރު 4 ޖެހުމާ ހަމައަށެވެ. މި ހަރަކާތުގައި މިނިސްޓަރުންނާއި އެތްލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވެއެވެ.
ހެލްތް މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދާ މި ދުވުމަކީ "ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެ މިނިސްޓްރީން ބުނީ، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމުގެ ހަފްތާ ފާހަގަކުރުމުގެ ގޮތުން މާލެއިން ފެށިގެން އަތޮޅުތަކާ ހަމަޔަށް މި ދުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ގައުމަކަށް ވުމަށް ކުރާ މި ދަތުރުގައި ކޮންމެ ރަށަކީ ވެސް އުއްމީދުގެ ހުޅުކޮޅެއް އެކުލެވިގެންވާ ދުވުމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.