އެމްޓީސީސީ އާއި ޔަންމާ ގުޅިގެން ރާއްޖެއަށް ހާއްސަ އާރްއެސްޑަބްލިއު ސިސްޓަމެއް ތައާރަފުކޮށްފި
ދަޕްރެސް
31 އޮކްޓޯބަރު 2025 | ހުކުރު | 10:36
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ތާރީހީ ބަދަލެއް ގެނައުމުގެ ގޮތުން، އެމްޓީސީސީ އާއި ޔަންމާ ގުޅިގެން ދިވެހި މަސްދޯނި ފަހަރާއި ދިވެހި ކަނޑުފަޅަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ރެފްރިޖެރޭޓެޑް ސީވޯޓާ (އާރްއެސްޑަބްލިއު) ނިޒާމެއް ތައާރަފުކޮށްފިއެވެ.
މި ނިޒާމު ރަސްމީކޮށް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ގދ. މަޑަވެލީގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ. މި ރަސްމިއްޔާތުގައި ޔަންމާ އޭޝިއާ ސިންގަޕޫރު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓާ ޖެކްސަން ޓާން، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހްމަދު ސައުދީ، މަޑަވެލީ ކައުންސިލް ރައީސާއި މެންބަރުން އަދި ސަރުކާރު އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީ އިން ބުނީ، ޔަންމާ އިން މުޅިން އަލަށް އުފައްދާފައިވާ މި އާރްއެސްޑަބްލިއު ނިޒާމަކީ މަސްވެރިންނަށް އެތައް ފައިދާތަކެއް ކޮށްދޭނެ ނިޒާމެއް ކަމަށެވެ. މި ނިޒާމުގެ ސަބަބުން މަސްވެރީންނަށް އައިސް ނުލިބިގެން ދެން އުޅޭކަށް ނުޖެހޭނެ ކަމަށާއި އުޅަނދު ހިންގަން ކުރާ ހަރަދު ކުޑަކުރެވި، އިސްރާފު މަދުވެގެންދާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. މަސް ފިނިކޮށްދީ މަހުގެ ތާޒާކަން ހިފަހައްޓައި ދޭ މި ނިޒާމުގެ ސަބަބުން، މަހަށް ހަމަ އަގު ލިބި މަސްވެރިންގެ އާމްދަނީ ވެސް އެތައްތަނެއް އިތުރުވާނެއެވެ. މީގެ އިތުރުން، އާރްއެސްޑަބްލިއުގައި އެކުލެވޭ ޓެކްނޮލަޖީ އާއި ކޮންޓްރޯލް ޔުނިޓްގެ ޔޫޒާ އިންޓަފޭސްގެ ސަބަބުން ކަސްޓަމަރުންނަށް މި ނިޒާމު ބޭނުންކުރަން ފަސޭހައިން ދަސްކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.