ޖެނޭރޭޝަނަލް ބޭން ތަންފީޒު ކުރަން ފެށުމަކީ ޖީލުތަކުގެ ދުޅަހެޔޮކަމަށް ކުރެވޭ އިންވެސްޓްމަންޓެއް: ސާޖިދާ
ދަޕްރެސް
1 ނޮވެމްބަރު 2025 | ހޮނިހިރު | 12:06
ދިވެހިރާއްޖެ ދުންފަތުގެ އިސްތިއުމާލުން އެއްކިބާކުރުމަށްޓަކައި ސަރުކާރުން އަޅުއްވާފައިވާ "ޖެނެރޭޝަނަލް ބޭން"ގެ ފިޔަވަޅަކީ ތާރީހީ އަދި ފަހުރުވެރި ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ސާޖިދާ މިފަދައިން ވިދާޅުވީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން އެކަމަނާ ވިދާޅުވީ، މިއަދު އެޅިގެންދިޔަ މި ފިޔަވަޅަކީ ކުރިމަގުގެ ޖީލުތަކުގެ ދުޅަހެޔޮކަމަށް ކުރެވޭ ވަރުގަދަ އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މި ގާނޫނު ތަންފީޒުކުރުމަށް ސަރުކާރުން ދައްކަވާފައިވާ ލީޑާޝިޕަށް ސާޖިދާ ވަނީ ތައުރީފް ކުރައްވާފައެވެ.
މީގެ އިތުރުން ވެސް މި ފިޔަވަޅުގެ ސަބަބުން ބަލިތަކުން ރައްކާތެރި ގައުމުގެ ޒުވާނުންނަށް ރަނގަޅު، އުޖާލާ މުސްތަގްބަލެއް ބިނާ ކުރުމަށް އެހީވާނެ ކަން ފާހަގަ ކުރައްވާ އެކަމަނާ ވަނީ މިއަދަކީ ދިވެހި ރާއްޖެއަށް ފަހުރު ވެރި ދުވަހެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.