ޕޭ ފްރޭމްވޯކްގެ ބޭނުމަކީ މުވައްޒަފުންނަށް އެކަށޭނެ މުސާރައެއް ދިނުމާއެކު ރައްޔިތުންނަށް ދެވޭ ހިދުމަތް ރަނގަޅުކުރުން
ދަޕްރެސް
1 ނޮވެމްބަރު 2025 | ހޮނިހިރު | 4:50
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެސް އެކި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައަށް މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާ އިރު ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މައިގަނޑު ބޭނުމަކީ ފަންނުތައް ވަކިކޮށް އެފަންނަކަށް އެކަށޭނަ އުޖޫރައެއް ކަނޑައެޅުމެވެ. އަދި ދައުލަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ އަދާކުރާ ވަޒީފާއަކުން ލިބޭ އުޖޫރައަކީ އެ ވަޒީފާއަކާ އެކަށޭނެ މުސާރައަކަށް ހެދުމެވެ. މީގެ އިތުރުން، ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ.
މި ގޮތުން ދައުލަތުގެ ޕޭ ފްރޭމްވޯކްގެ ސަބަބުން ފަންނުވެރި ދާއިމީ މުވައްޒަފުން ސިވިލް ސާވިސްގައި އިތުރުވެގެންދާނެއެވެ. ސިވިލް ސާވިސްގައި ހުރި ފަންނުތައް ވަކިކޮށް، އެ ފަންނަކަށް އެކަށޭނަ މުސާރަ އާއި އިނާޔަތްތައް ހަމަޖެއްސުމުގެ ނަތީޖާ އަކީ ކުރާ މަައްކަތާއި އެކަށީގެން ވާ ރަނގަޅު އާމްދަނީއެއް ލިބިގެން ދިއުމެވެ. މިސާލަކަށް ޑްރައިވަރުންގެ ތެރޭގައިވެސް ތަފާތު ވެހިކަލްތައް ދުއްވާ ޑްރައިވަރުން ތިބޭއިރު ކުރިން މުސާރަ އާއި އިނާޔަތްތައް ދެވެމުންދަނީ އެއްވަރަކަށެވެ. އެހެންނަމަވެސް، ދައުލަތުގެ ޕޭ ފްރޭމްވަކްގައި ޑްރައިވަރުންގެ ތެރެއިން ހެވީލޯޑު ވެހިކަލް ޑްރައިވަރުންނަކީ ތަފާތު މަސައްކަތެއް ކުރާ ބަޔަކަށްވާތީ، ހެވީލޯޑު ވެހިކަލް ޑްރައިވަރުންނަން ލިބިގެންދާނީ ކާރު ޑްރައިވަރުންނާ ތަފާތު މުސާރަ އާއި އިނާޔަތްތަކެވެ. އޭގެ ސަބަބަކީ އެ ވެހިކަލް ދުއްވަން ބޭނުންވާނެ ސްކިލް ތަފާތުވެފައި، ވެހިކަލް ދުއްވާއިރު ނަގަންޖެހޭ ބުރަވެސް ތަފާތުވުން ހިމެނެއެވެ.
ދައުލަތުގެ ޕޭ ފްރޭމްވަކްގައި ފަންނުތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާއިރު ކަނޑައަޅަނީ އެ ފަންނެއްގެ ފަންނުވެރިކަމަށާއި، އުފުލަންޖެހޭ ބުރައަށާއި އަދި މަސައްކަތްކުރަންޖެހޭ މާހައުލުފަދަ ކަންކަމަށް ބަލައިގެންނެވެ. އެހެންކަމުން މުސާރަ އާއި އިނާޔަތްތަކުގެ ތެރޭގައި އެ ފަންނެއްގައި ނަގަންޖެހޭ ރިސްކަށް ބެލިގެންދާނެއެވެ. އަދި ކުރިން ދެމުން އައި ގޮތަށް 'ރިސްކް އެލަވަންސް' ގެ ނަމުގައި ވަކި އެލަވަންސް އެއް ނުދިންކަމުގައި ވިޔަސް މުސާރަ އާއި އިނާޔަތްތަކުގެ ތެރޭގައި ރިސްކަށް ހުށަހެޅޭ ފަރާތްތަކަށް ކޮމްޕެންސޭޝަން ދެވޭނެއެވެ.