ބޮޑުކުރި މުސާރައިގެ ފޮނި މީރުކަން ރައްޔިތުމީހާއަށް ނުލިބި، ހުރިހާ ނަފައެއް ކުލީވެރިންނާއި ވިޔަފާރިވެރިންނަށް!
ދަޕްރެސް
4 ނޮވެމްބަރު 2025 | އަންގާރަ | 10:01
ދޭދޭ ދެ މީހަކު ދިމާވިޔަސް ދައްކަނީ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ވާހަކައެވެ. ކުރާ މަސައްކަތާއި ލިބޭ އުޖޫރައިން މަހެއްގެ ހަރަދުތައް ފޫނުބެއްދޭ ވާހަކައަކީ މި މުޖްތަމައުގައި އާ ވާހަކައެއް ނޫނެވެ. ހާއްސަކޮށް ބޮޑު ކުލި ދައްކައިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ޝަކުވާއަކަށް އަބަދުވެސް ވެފައި އޮންނަނީ ލިބޭ މުސާރަ ކުޑަ ވާހަކައެވެ. ދިރިއުޅުމާއި އަނބި ދަރީންނަށް ފުއްދާދޭންޖެހޭ ޒަރޫރީ ބޭނުންތައް ފުއްދުމަށްފަހު މަހުގެ ބާކީ އޮންނަ ދުވަސް ވަރު ކިރިޔާ ކާލައިގެން އުޅެވޭ ވަރު ވަނީއެވެ. ބައެއް މީހުން ސިފަ ކުރާ ގޮތުގައި މިއީ ދިރިއުޅުމެއް ނޫނެވެ. މިއީ ގަނަ ތެޅުމެވެ.
މި ހުރިހާ ޝަކުވާތަކަކާއެކު ވެސް އިހަށް ދުވަހު އިވިގެން މިދިޔައީ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރި ވާހަކައެވެ. މުސާރަ ބޮޑުކުރި ވާހަކަ އަޑު އިވުމުން ކޮފީއެއް ލިބޭތޯ ރައްޓެއްސަކަށް ވެސް ގުޅީމެވެ. އެކަމަކު ކޮފީއެއްގެ ބަދަލުގައި ބަންޑުންކޮށްލީ އަނެއްކާވެސް ޝަކުވާތަކެކެވެ.
"އާނ! މުސާރަ ބޮޑުވެއްޖެ އެކަމު މުސާރައާ އެއްވަރަށް ގޭގެ ކުއްޔާއި ވިޔަފާރި ގެތަކުން ލިބޭ އެއްޗެހީގެ އަގު ވެސް ބޮޑުވޭ. މިވަރުން ކޮފީއެއްވެސް ނޫން ބޮވޭނީ..." ހިނިގަނޑެއް ޖަހާލުމަށްފަހު ރަހުމަތްތެރިޔާ ފޯނު ބޭއްވިއެވެ.