ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ޕެކޭޖިން ނިޒާމެއް ގާއިމުކުރަނީ

ދަޕްރެސް

2 ނޮވެމްބަރު 2025 | އާދިއްތަ | 11:22

ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ޕެކޭޖިން ނިޒާމެއް ތައާރަފުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ހަނިމާދޫގައި ސްމޯލް އައިލެންޑް ޖިއޮގްރަފިކް ސޮސައިޓީން ގާއިމްކުރި ބަޔޯޕްލާސްޓިކް ކޮތަޅު އުފެއްދުމުގެ މަރުކަޒު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ސައިންޓިފިކް ދިރާސާތަކުގެ އެންމެ ފަހުގެ ހޯދުންތަކުން ކަންބޮޑުވުން އުފެދޭ ހަގީގަތެއް އިލްމީ ގޮތުން ކަށަވަރުކޮށް ދީފައިވާ ކަމަށެވެ. އެއީ މައިކްރޯޕްލާސްޓިކް ކުނޑިތައް އިންސާނުންގެ ހަށިގަނޑުގެ ގުނަވަންތަކުގައާއި ލޭގެ ނިޒާމުގައި ދައުރުވާ ކަމުގެ ހެކިތަކެއްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިއ ނުރައްކާތެރި މާއްދާތައް އިންސާނުންގެ ހަށިގަނޑަށް ވަންނަނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނާ، ކާނާއިންނާ، ބޯފެން މެދުވެރިކޮށް ކަމަށެވެ. އަދި މިއީ ދުޅަހެޔޮ ސިއްހަތަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިރާއްޖޭގެ އުފެއްދުންތަކަށް، ހާއްސަކޮށް ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ޕެކޭޖިން ނިޒާމެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިއީ ތިމާވެށްޓާ ރައްޓެހި، ދެމެހެއްޓެނިވި ތަރައްގީގެ ނިޒާމެއް ގާއިމުކުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން މުހިންމު ފިޔަވަޅެއްކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި މަޝްރޫއަކީ ވޯލްޑް ބޭންކްގެ "ޕްލީޒް" އިނީޝިއޭޓިވްގެ ދަށުން މާލީ އެހީތެރިކަން ލިބި، ސެކެޕް އަދި ޔުނޮޕްސްއާ ގުޅިގެން ތަންފީޒުކުރެވިފައިވާ ހާއްސަ މަޝްރޫއެއް ކަމަށެވެ.

މައުޟޫޢުތަށް