އެއާޕޯޓުގެ އާ ޓާމިނަލް މާ ބޮޑަށް ފިނިކަމަށާއި މިއީ އިސްރާފު ބޮޑު ގޮތެއް ކަމަށް ނަޝީދު ވިދާޅުވެއްޖެ
ދަޕްރެސް
2 ނޮވެމްބަރު 2025 | އާދިއްތަ | 1:15
އަލަށް ތަރައްގީ ކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޓާމިނަލް ހުންނަން ޖެހޭ ވަރަށް ވުރެ މާ ފިނި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއާޕޯޓުގައި ފިނިހޫނު މިން ހުންނަނީ 15 ޑިގްރީ ސެލްސިއަސްގައި ކަމަށެވެ. އަދި މިއީ މާ ބޮޑަށް ފިނިވެފައި، އިސްރާފު ބޮޑު ގޮތެއް ކަމަށް ވިދާޅުވެ ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ 20 އާއި 25 ޑިގްރީ ސެލްސިއަސްއާ ދެމެދު އެއާޕޯޓުގެ ފިނި ހޫނުމިން ބެހެއްޓުމަކީ ރަނގަޅު ގޮތް ކަމަށެވެ.