އަމިއްލަ ނަފްސަށް ވުރެ ގައުމު އިސްކުރުމަށް ރައީސް މުއިއްޒު އެދިވަޑައިގެންފި
ދަޕްރެސް
3 ނޮވެމްބަރު 2025 | ހޯމަ | 11:24
އަމިއްލަށް ބޭނުންތަކާއި އަމިއްލަ ނަފްސަށް ވުރެ ވެސް އިސްކުރަންވީ ގައުމިއްޔަތު ކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ދިވެހި ގައުމު އޮތް ހާ ދުވަހަކު، ދިވެހި ގައުމު މިއަދާ ހަމައަށް އައި އިރު މި ގައުމު ދިފާއުކުރަން ޝަހީދުވި އަބްތާލުންނަށް ޒިކުރާ އަދާ ކުރުން ތާއަބަދަށް އޮންނާނެ ކަމަށެވެ. ހަމައެއާއެކު ރާއްޖެއަށް ކުރިމަތިވި މިފަދަ ކޮންމެ ކަމަކުން ސަލާމަތް ކޮށް މިނިވަން ކަމާއެކު މި ގައުމު ދެމެހެއްޓުމަށް ގުރުބާންވި ހުރިހާ ފަރާތްތަކުގެ ހަނދާން ވެސް އާކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ހަނދާންތައް އާކުރަން ޖެހެނީ ދިވެހިންގެ ހިތްތަކުގައި މިދުވަސް އާ ކުރުމަށާއި މި ދުވަހގެ ހަނދާންތައް އަންނަން އޮތް ޖީލުތަކާ ހަމައަށް ވާސިލްކުރުވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރަން ޖެހެނީ އެހެންވެގެން ކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން ދިވެހި ގައުމިއްޔަތު ދިރުވާ އާލާކުރުމަށް ސިޔާސަތެއް ކަނޑައެޅީ އެ މަގްސަދު ހާސިލް ކުރުމަށް ކަމަށާއި އޭގެ ނަތީޖާ ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.