ވީއައިއޭގެ އާ ޓާމިނަލުން ސިޗުއާން އެއާލައިނަށްވެސް ހިދުމަތް ދޭން ފަށައިފި

ދަޕްރެސް

3 ނޮވެމްބަރު 2025 | ހޯމަ | 5:01

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ޗައިނާގެ ސިޗުއާން އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފިއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ސިޗުއާން އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާކަމަށާއި، ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ޝަރީފު ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ މި ރަސްމިއްޔާތުގައި ސިޗުއާން އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވާފައިވާކަމަށާއި، އަދި އެ ފްލައިޓުން ދަތުރުކުރި 142 ފަސިންޖަރުންނަށް ހަދިޔާ ދީފައިވާކަމަށެވެ. މީގެއިތުރުން ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, 33923 އިން ރާއްޖެ އައި 163 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައިވާކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް