ސިނގިރޭޓު ވައްކަން: 5 އުޅަނދެއް ބަލާ ހުޅުމާލެއާއި ތިލަފުށީގެ 21 ތަނެއް ބަލާ ފާސްކޮށްފި
ދަޕްރެސް
4 ނޮވެމްބަރު 2025 | އަންގާރަ | 8:55
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ގެއްލުނު މައްސަލައިގައި 5 އުޅަނދަކާއި ހުޅުމާލެ އާއި ތިލަފުށީގެ 21 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާއި ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ 9 މީހަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހައްޔަރު ކުރި މީހުންގެ ތެރެއިން 7 މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރު ކޮށްފައިވާއިރު އަނެއް 2 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް 2025 ނޮވެންބަރު 01 ވަނަ ދުވަހު ކޯޓަށް ހުށަހެޅުމުން، އެ ދުވަހުން ފެށިގެން 16 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ދެ މީހުންނަކީ ހުސައިން ސާމިހު އާއި އަހުމަދު ޝަހީމް އެވެ.