9 ދާއިރާއަކުން 206 މަޝްރޫއެއް ހިންގުމަށް ތަފާތު 53 ކުންފުންޏަކާ ހަވާލުކޮށްފި
ދަޕްރެސް
6 ނޮވެމްބަރު 2025 | ބުރާސްފަތި | 1:32
އުމްރާނީ ތަރައްގީއާއި، ކުޅިވަރާއި ފަންނު އަދި އެކިއެކި ހިދުމްތަކުގެ ދާއިރާތައް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން މި ސަރުކާރުން 206 މަޝްރޫއެއް ތަަފާތު ކުންފުނިތަކާ ހަވާލު ކޮށްފިއެވެ.
މި މަޝްރޫއުތައް އެ ކުންފުނިތަކާ ހަވާލުކޮށްފައި ވަނީ ތަރައްގީގެ މަޝްރޫއުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އެގޮތުން ޖުމްލަ 9 ދާއިރާއަކުން ތަފާތު 53 ކުންފުންޏަކަށް 2.4 ބިލިއަން ރުފިޔާގެ މަޝްރޫއު ވަނީ ހަވާލުކޮށްފައެވެ.
މަޝްރޫއުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިދިޔަ ދެ ދުވަހު ސޮއިކުރި މަޝްރޫއުތަކާއެކު 216 މަޝްރޫއު ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއަދަކީ ސަރުކާރަކުން އެންމެ ގިނަ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރި ދުވަސްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިއަދު ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި 13 ރަށެއްގައި 825 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތްތައް ހިމެނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.