މޫލެކެޑެ ސަރަހައްދުގެ ބިން ހިއްކުން ހުއްޓާލުމަށް އެދި، ރައީސަށް ސިޓީއެއް!
ދަޕްރެސް
6 ނޮވެމްބަރު 2025 | ބުރާސްފަތި | 3:40
އައްޑޫ ސިޓީ ހިތަދޫ އުތުރުފަރާތު މޫލެކެޑެ ސަރަހައްދުގެ ބިން ހިއްކައިގެން މަގު ހެދުން ހުއްޓާލުމަށް އައްޑޫގައި ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމިއްޔާއަކުން ގޮވާލައިފިއެވެ.
އެ ސަރަހައްދުގެ ފެން ސަކަރާތްވުމާއި، އަދި އެ ސަރަހައްދުން ކުނި ވަސް ދުވާކަމަށް ބުނެ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި މޫލެކެޑެގައި ދިރިއުޅޭ މީހުން ވަނީ ބިން ހިއްކައި ދިނުމަށް އެދި ސަރުކާރަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. ސަރުކާރުުން މި ސަރަހައްދު ހިއްކަން އުޅެނީ ލިންކް ރޯޑަކީ، އެ ދިމާލުން ސީދަލަށް އޮންނަ މަގަކަށް ހެދުމަށެވެ. މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި، ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް ތޮށިޖަހައި، ފެން ހިންދުމުގެ ނިޒާމް ގާއިމުކުރުމާ، ކަނޑުފާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިއްޔެ ރައީސް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި "ތިމާވެށި ޕްރޮޖެކްޓް" ޖަމިއްޔާއިން ރައީސް އަށް އެރުވި ސިޓީގައި ބުނެފައިވަނީ މޫލެކެޑެ ސަަރަހައްދު ގައި 5،439 މީހުން ދިރިއުޅޭއިރު ޕެޓިޝަނުގައި ސޮއިކޮށްފައި ވަނީ އެންމެ 122 މީހުން ކަމަށެވެ. އެ ސަރަހައްދު ހިއްކިޔަސް، ހިތަދުއަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމާއި ނުބައި ވަސް ދުވުމުގެ މައްސަލައަށް ހައްލު ނުލިބޭނެކަން ފާހަގަކޮށް އެ ސިޓީގައިވަނީ އެ ސަރަހައްދު ހިއްކުމުގެ ބަދަލުގައި ތަރައްގީ ކުރެވިދާނެ ގޮތުގެ ޕްލޭނެއް އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓްގައި ބަޔާންކޮށްފައިވާ ކަމަށެވެ.