ގައުމުތަކުން ބޭނުން ނުކޮށް ހުންނަ ހައްޖު ކޯޓާ، ހައްޖު މުބާޝިރު އިނިޝިއޭޓިވް އިން ހޯދުމަށް މަޝްވަރާކޮށްފި
ދަޕްރެސް
9 ނޮވެމްބަރު 2025 | އާދިއްތަ | 5:33
އެހެން ގައުމުތަކަށް ދީފައި ހުންނަ ކޯޓާގެ ތެރެއިން އެގައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާ، ކޯޓާ އިތުރަށް ބޭނުންވާ ގައުމުތަކުން ބޭނުން ކުރެވޭ ގޮތައް ސައުދީއިން ކުރިއަށް ގެންދާ (ހައްޖު މުބާޝިރު) އިނިޝިއޭޓިވް އިން ރާއްޖެއަށް ފުރުސަތު ހޯދައި ދިނުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
މިއަދު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ސައުދީ އަރަބިއްޔާގެ މިނިސްޓަރީ އޮފް ހައްޖު އެންޑް އުމްރާ ޑރ.ތައުފީގު ރަބީއާއެކު ބޭއްވި ބައްދަލުވުމާއި ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ގައުމުތަކަށް ކަނޑައަޅާފައި އޮންނަ ރަސްމީ ކޯޓާގެ އިތުރަށް، އިތުރު ކޯޓާ މިހާރު ނުދެއްވި ނަމަވެެސް، ގައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާ ހޯދުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ، ހައްޖާއި އުމްރާގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ދެ ހަރަމްފުޅަށް ހިދުމަތްކުރުމުގައި ސަޢުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުން އަންނަ ހައްޖުވެރިންނަށް ކަންކަން ފަސޭހަކޮށްދެއްވުމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެކަމަށްވެސް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.