ހަނިމާދޫ އެއާޕޯޓާއެކު އެ ސަރަހައްދުގެ އިގުތިސާދު ފުޅާކުރަންޖެހޭކަމަށް ސޯލިހް ވިދާޅުވެއްޖެ

ދަޕްރެސް

10 ނޮވެމްބަރު 2025 | ހޯމަ | 2:53

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، ހަމައެކަނި ތަރައްގީކުރުމަކުން ނުވާނެ ކަމަށާއި އެ ސަރަހައްދުގެ އިގުތިސާދު ފުޅާކުރަންޖެހޭ ކަމަށް، ކުރީގެ ރައީސް އިބްރާހިިމް ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ސަރުކާރުން އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު، 2022 ގައެވެ. ޖުމުލަ 136.6 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އެއާޕޯޓު ހުޅުވާފައިވާއިރު ސޯލިހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އެއާޕޯޓަކީ ބޮޑުތިލަދުންމަތީގެ އިގްތިސާދީ ދުވެލި ހަލުވި ކުރުމަށް މަގުފަހިވާނެ ތަނެއް ކަމަށެވެ. އެއާޕޯޓާ އެކު، އެ ސަރަހައްދުގެ އިގްތިސާދު ހަރުދަނާކޮށް ޓޫރިޒަމްގެ ކެޕޭސިޓީ އިތުރުކުރަން ޖެހޭކަން ސޯލިހް ފާހަގަކުރެއްވިއެވެ. އަދި އާ ވިޔަފާރިތަކަށް ހުޅުވާލައި އެ ސަރަހައްދުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިތުރަށް ސޯލިހް ވިދާޅުވީ މިކަން ކާމިޔާބުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މައުޟޫޢުތަށް