ދިއްލީގެ ރެޑް ފޯޓު ސަރަހައްދުގައި ގޮވި ކާރު އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު 13 އަށް
ދަޕްރެސް
11 ނޮވެމްބަރު 2025 | އަންގާރަ | 1:02
އިންޑިއާގެ ވެރިރަށް ދިއްލީގެ މަޝްހޫރު ރެޑް ފޯޓު ސަރަހައްދުގެ ޓްރެފިކްގައި މަޑުކުރި ކާރެއް ގޮވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 13 އަށް އަރައިފިއެވެ.
މިިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ބަލައި އިންޑިއާގެ އިދާރާތަކުން ތަހުގީގު ފަށާފައި ވާއިރު ގޮވި ކާރަކީ އިންޑިއާގެ ހަރިޔާނާގައި ރަޖިސްޓްރީ ކޮށްގެން ދުއްވާ ޖަންމޫ އެންޑް ކަޝްމީރުގެ ޕުލްވާމާއަށް ނިސްބަތްވާ މުސްލިމް ޑޮކްޓަރެއްގެ ކާރެއް ކަމަށް ބުނެއެވެ. އެއީ ޑރ. މުހައްމަދ އުމަރު ނަމަކަށް ކިޔާ މީހެއް ކަމަށާއި ކާރު ގޮވި އިރު އޭނާ ކާރުގައި އިން ކަމަށް ވެސް އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.
މިހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް އިދާރާތަކުން އަދި ނިންމާފައި ނުވި ނަމަވެސް މި ހާދިސާ ހިނގާފައި މިވަނީ، ޓެރަރިޒަމާ ގުޅުންހުރި ހާދިސާއެއް ފެންމަތިވެ ހުސްވި ހަފްތާގައި ތަހުގީގެއް ފަށައިގެން ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ.