އަންހެނުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް، ދޭ ރެހެންދި އެވޯޑު 15 ފަރާތަކަށް!
ދަޕްރެސް
16 ނޮވެމްބަރު 2025 | އާދިއްތަ | 10:57
ތަފާތު އެކި ދާއިރާތަކުގައި އަންހެނުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް، ދޭ ރެހެންދި އެވޯޑު 15 ފަރާތަކަށް ދީފިއެވެ.
މި އެވެޑޯ ދީފައިވަނީ އަންހެނުން ބާރުވެރި ކުރުވުމަށާއި ދިވެހިރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް އަންހެނުން ހިއްސާކުރާ އަގުހުރި މަސައްކަތްތަކާއި އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ދޭ ހާއްސަ އެވޯޑު "ރެހެންދި އެވޯޑު" 2024 އަދި 2025 ދިނުމަށް ރޭ ބޭއްވި ހަފްލާގައެވެ. ބާސެލޯ ނަސަންދުރާގައި ބޭއްވި މި ހަފްލާ ޝަރަފުވެރިކޮށްދެއްވައި އެވޯޑް ހާސިލުލްކޮށްފައިވާ ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދް އެވެ.
ރެހެންދި އެވޯޑަށް އެދި ހުށަހެޅުމަށް އޮންނަނީ މައިގަނޑު 2 ކެޓަގަރީއެކެވެ. އެގޮތުން، ވަކި ވަކި އަންހެންނުންނާއި، ޖަމިއްޔާ ޖަމާއާތްތަކަށް އެވޯޑު ހުށަހެޅޭ ކެޓަގަރީއާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ކެޓަގަރީއެވެ. ވަކިވަކި އަންހެނުންނަށާއި ޖަމުއްޔާ ޖަމާއަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީގައި 4 ދާއިރާއެއް ހިމެނެއެވެ. އެއީ ލީޑާޝިޕް އަދި ގަވާނަންސް، އިގްތިސާދީ ގޮތުން ބާރުވެރިކުރުވުން، އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުން އަދި އަންހެނުން އާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ "ނޮން- ޓްރެޑިޝަނަލް ރޯލްސް" ގެ ދާއިރާއެވެ.