ގޮނޑި ގެއްލުމުގެ ކުރިން ދާއިރާގެ ވޯޓެއް ނަގާ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅައިފި
ދަޕްރެސް
16 ނޮވެމްބަރު 2025 | އާދިއްތަ | 11:16
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، ނިސްބަތްވާ ޕާޓީ ބަދަލުކުރުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކިކުރުމުން އެ މެންބަރުގެ ގޮނޑި ގެއްލުމުގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ އާންމު ވޯޓެއް ނުވަތަ ރޯލް ކޯލް ވޯޓެއް ނަގާ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި އިސްލާހު މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއުއެވެ. މި އިސްލާހަކީ މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމުގެ އިޖުރާއަތްތައް ކަނޑައެޅުމުގެ ބޭނުމުގައި ކަމަށް ބަޔާންކޮށް، ގާނޫނުއަސާސީ އަށް ހުށަހަޅާ އިސްލާހެކެވެ. ސުޖާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ އާންމު ވޯޓުގައި މެންބަރުކަމުން ވަކިކުރަން ވޯޓުލާ މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، އެ މެންބަރަކު މަޖިލީހުގައި ދެމިހުންނަވާނެ ކަމަށެވެ.
އޭރު އެ މެންބަރު ހުންނަނަވާނީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ، މިނިވަން މެންބަރެއްގެ ގޮތުގައި ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ. އެހެންނަމަވެސް މަޖިލީހުގެ އެ ދައުރުގެ ތެރޭގައި އެ މެންބަރަކު ސިޔާސީ ޕާޓީގެ މެންބަރަކަށް ވެއްޖެ ނަމަ، އެ މީހަކު މެންބަރުކަމުން ވަކިވާނެ ކަމަށް ވެސް މި އިސްލާހުގައި ވެއެވެ.